ޓެކްސަސްގައި ފެންބޮޑުވެ ގެއްލުންތައް ލިބުމުން، ޓްރަމްޕަށް ރައީސް މުއިއްޒުގެ ހަމްދަރުދީގެ މެސެޖެއް
ސަން
7 ޖުލައި 2025 | ހޯމަ | 1:08
އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީހުން ސަލާމަތް ކުރުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން، މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުސަތެއްގައި ކުރީގެ ދިރިއުޅުން އިއާދަކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ފޮނުއްވި މެސެޖުގައިވެއެވެ.