މިނިވަން 60: ކަމެއް ވާން އުޅޭކަން އިހުސާސްވޭތަ؟
ސަން
7 ޖުލައި 2025 | ހޯމަ | 2:19
އޭރު އުޅުނީ ޒުވާންކަމުގެ ޖޯޝުގައި ތުއްތު ކުދިން ކޮނޑަށް ލައިގެން މާލޭގައި ދިދަފަތި ދަމާށެވެ. ކުލަ ބޮކިތައް ދަމައި، ރަށްރަށަށް ވެސް ދިދަފަތި ފޮނުވިއެވެ. ސްކޫލުގެ ހަރަކާތްތަކަށް ދަރިންވަރުން ތައްޔާރުކޮށްދިނެވެ. މިއީ 1990ވަނަ އަހަރު ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުން ފާހަގަކުރުމާ ގުޅޭ ގޮތުން އޭނާގެ ހުރި ހަނދާންތަކެވެ.
މާލޭ މަގުތަކުގައި ޕެރޭޑެއް ބޭއްވި އިރު، އެދުވަހު ފުޅަނދު ބުރު ބަލައިލަން ކުދިބޮޑު އެންމެން މަގުތަކަށް އެއްވިއެވެ. ޓީވީއާއި ރެޑިއޯތަކުން ދުވަހުގެ ލަވަތަކާއި ސަނާތަކުގެ އަޑު އިވުނު އިރު، މިއީ އީދެއްފަދަ ދުވަހެކެވެ.
އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި މިނިވަން 50 ފާހަގަކުރިއިރު އޭނާ އުޅުނީ އެ މަންޒަރު ބަލާށެވެ. އެ އަހަރުގެ ޖަނަވަރީ އެކެއްގައި ފެށި ކައުންޓްޑައުނާ އެކު މާލޭގައި ދެމި ބޮކިފަތިތަކުން ހިތަށް އުފާވެރިކަން ހޯދިއެވެ. ދަރިންގެ ނެށުން ބަލައި ސަރުކާރުން ހިންގި ހަރަކާތްތައް ބެލިއެވެ. ދަރިން ގޮވައިގެން ފުޅަނދު ބުރު ބަލަން ދިޔައެވެ. މިއީ ހަމައެކަނި މިނިވަންކަން ފާހަގަކުރުމެކޭ އޭރު ހިތަކަށް ނާރައެވެ. މިއީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭ ފުރުސަތެވެ.