އެލްޖީއޭއިން ހަދާ، ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފި
ސަން
7 ޖުލައި 2025 | ހޯމަ | 10:37
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފިއެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް ކުރިމަގުގައި އާންމުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އެލްޖީއޭގެ ނިންމުން ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށާއި، ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމަށް މަގުފަހިކޮށްދީ، ގުޑް ގަވަންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދިނުމަށް ޓަކައި ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭއިން ކައުންސިލްތަކުގެ އިންކުއަރީ ހަދަނީ، ކައުންސިލަކާ ގުޅިގެން އެ އޮތޯރިޓީއަށް ހުށަހަޅާ ކަންކަމާމެދު، އޮތޯރިޓީގެ ބޯޑުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހުގައެވެ. މި ފަދަ މައްސަލައެއްގައި ކައުންސިލަކާމެދު ފިޔަވަޅު އަޅާނީ އިންކުއަރީއަށް ރިއާޔަތްކޮށްގެންނެވެ.