ޚަރަދު ބޮޑޭ ބުނުމަކީ ބަހަނާއެއް، އިންތިޚާބުތައް އެއްކުރަނީ ރައްޔިތެއް ކައިރިއަށް ދެން ނުދާން: މީކާއީލް
ސަން
8 ޖުލައި 2025 | އަންގާރަ | 10:28
ޚަރަދު ބޮޑުވާތީ ކަމަށް ބުނެ، މި ސަރުކާރުން މައި އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ރައްޔިތުން ކައިރިއަށް ދެން އިތުރަށް ދާން ނުޖެހޭނޭ ގޮތަށް ހަދަން ކަމަށާއި، އެއީ ލަދުވެތިކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ ބަހުސެވެ.
އެ ބިލަށް ބަހުސްކުރައްވަމުން، މީކާއީލް ވިދާޅުވީ އިހު ޒަމާނުގައި ކަތީބުން ރަށްރަށަށް އަރާނީ ފަސް އަހަރުން އެއް ފަހަރު ކަމަށާއި މިހާރު ހުށަހަޅާފައި އޮތް ބިލަކީ އެ ސަގާފަތް އަލުން އިއާދަކުރުމަށް ހުށަހަޅާފައި އޮތް ބިލެއް ކަމަށެވެ. މިއަދު ސަރުކާރަށް ބޮޑު ކަމަކަށްވީ ރައްޔިތުންގެ ގާތަށް ދިއުން ކަމަށާއި، "ޚަރަދު ބޮޑޭ" ބުނެ އިންތިޚާބުތައް އެއްކުރަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކޮންމެހެން ކަންކަން ކުރަންނޫން ކަމަށް މީކާއީލް ވިދާޅުވިއެވެ.