ދުވާލަކު 200 ގައިދީން ޑޮކްޓަރުންނަށް ދައްކާ، އޭގެ ތެރޭ ސްޕެޝަލިސްޓުން ހިމެނޭ
ސަން
8 ޖުލައި 2025 | އަންގާރަ | 1:42
އާންމު ބަލިތަކަށް ބޭސްކުރާ ޑޮކްޓަރުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 އެއްހާ ގައިދީންނަށާއި ބަންދުގައި ތިބި މީހުންނަށް ޚިދުމަތްދެމުން ދާ ކަމަށާއި ގާތްގަނޑަކަށް 30 ގައިދީއަކަށް ސައިކިއޭޓްރިސްޓެއްގެ ފަރުވާ ވެސް ދެމުން އަންނަ ކަމަށް ކަރެކްޝަންސްއިން މިއަދު ބުނެފިއެވެ.
ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން ކަރެކްޝަންސް އާ ހަވާލާދީ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 580 ގައިދީއަކު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން މަޑުކޮށްގެން ތިބިއިރު، އޭގެ ތެރެއިން 352 މީހުން ސްޕެޝަލިސްޓުންނަށް ދައްކަން ފަސް މަސް ވަންދެން ކިޔޫގައި އެބަ ތިއްބެވެ.
އޭގެ ތެރެއިން ވެސް ލޭގައި ސަރުބީ ގިނަވުމުން ދިމާވާ ޑިސްލިޕީޑީމިއާ ހުންނަ މީހުން ގިނަ ކަމަށާއި، އެ ބަލީގައި 100 އެއްހާ ގައިދީން ތިބި ކަމަށް ޑިޓެއިނީ ވޮޗުން 'އެކްސް'ގައި އާންމުކުރި ތަފާސްހިސާބުތަކުގައި ވެއެވެ. މީގެ އިތުރުން ހިތުގެ ބަލިތައް ޖެހިފައިވާ 40 އަށް ވުރެ ގިނަ ގައިދީން އެބަތިބި ކަމަށާއި، ހަކުރުބަލި ޖެހިފައިވާ 30 އަށް ވުރެ ގިނަ ގައިދީން ތިބި ކަމަށް ވެސް، ޑިޓެއިނީ ވޮޗް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.