މާފަރު އެއާޕޯޓަށް ކޯޑް އީ މަތިންދާބޯޓު ޖެއްސޭ ރަންވޭ ތަރައްގީކޮށް ނިމުން ފާހަގަކޮށްފި
ސަން
8 ޖުލައި 2025 | އަންގާރަ | 12:17
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކޯޑް އީ މަތިންދާ ބޯޓަށް ޖެއްސޭ ފެންވަރުގެ ރަންވޭ ތަރައްގީކޮށް ނިމުން ފާހަގަކޮށް، މޯލްޑިވިއަންގެ އޭ330 މަރުކާގެ ފްލައިޓް މިއަދު ޖައްސައިފިއެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ގެ އެހީގައި މި އެއާޕޯޓު ތަރައްގީކުރީ ދެ ފިޔަވައްސަށް ބަހައިލައިގެންނެވެ. ދެެވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް މިއަދު އެ އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ފިޔަވަހީގައި ކުރީގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް ކޯޑް-އީ މަތިންދާ ބޯޓުތައްކަމަށްވާ ބޮއިން 787، 777 އަދި އޭ330 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އެއް ކަމަކީ މާފަރު އެއާޕޯޓުގެ ތަރައްގީ ކަމަށެވެ.