މެލޭޝިއާގައި ދަރިވަރުންނަށް އިތުރުކުރި ޓެކްސް، ސްކޮލާޝިޕާއި ލޯނުގައި ހިމަނައިގެން ދައްކައިދެނީ
ސަން
8 ޖުލައި 2025 | އަންގާރަ | 6:52
ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގައި، ބޭރުގެ ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން ހަ ޕަސެންޓުގެ ސާވިސް ޓެކްސްއެއް ނަގަން ފަށައިފައިވާތީ، ސްކޮލާޝިޕާއި ލޯނުން ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޓެކްސް ދައްކައިދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މެލޭޝިއާގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުގެ މަތިން، ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ގެންނަ ބަދަލެއްގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއް ޓިއުޝަން ފީއަށް ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ.
މިމަހުހެ އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި އެ ބަދަލާއެކު، ސީދާ ދަރިވަރުންނަށް ޓެކްސް ދައްކަން ޖެހިދާނެ ކަމަށް ނުވަތަ ކޮލެޖު ފީ ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.