ހޯކްސް މައްސަލަ: 241 ކޮމިޓީން ސީޕީ ނަވީނަށް ބޮޑެތި ތުހުމަތުތަކެއް
ސަން
8 ޖުލައި 2025 | އަންގާރަ | 10:25
ހޯކްސް ޕްރައިވެޓު ލިމިޓެޑުގެ ތެޔޮ ބޯޓެއްގައި ސިނގިރެޓު ކާޓަންތަކެއް ވަގަށް ރާއްޖެ އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަންފެށިއިރު، މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން، އެ ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ބުނެފިއެވެ.
ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސްގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރެޓު ކާޓަން، ތިލަފުށީގައި އޮންނަ ބޯޓު ޔާޑު ޖެޓީން އެތެރެކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައެވެ.
މި މައްސަލައިގައި ހޯކްސްއިން ބުނީ، މިއީ އެ ކުންފުނީގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި، ޒިންމާވާންޖެހޭނީ އެ ތެޔޮބޯޓުގެ ފަޅުވެރިން ކަމަށެވެ. މި މައްސަލައިގައިގައި އެ ބޯޓުގެ ފަޅުވެރިންގެ މައްޗަށް ސްމަގްލް ކުރުމާއި މަނީލޯންޑަރިންގެ ތުހުމަތުކޮށް، ފުލުހަށްވަނީ މައްސަލަ ވެސް ހުށަހަޅައިފައެވެ.