ދިވެހި އުފެއްދުންތައް ހިމާޔަތްކުރަން އިތުރު ގާނޫނުތައް ބޭނުންވޭ: އަޒާން
ސަން
14 ޖުލައި 2025 | ހޯމަ | 12:18
ރާއްޖޭގައި ގާނޫނުތައް ހެދި ނަމަވެސް އެ ގާނޫނުތައް ތަންފީޒުނުވާކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، އަމިއްލަ މުދަލާއި އުފެއްދުންތައް ހިމާޔަތްކުރުމަށް އަދިވެސް އިތުރު ގާނޫނުތައް ބޭނުންވާ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު މިއަދު ހުށަހެޅުއްވި 'ޓްރޭޑްމާކްގެ ބިލަށް' ބަހުސްކުރައްވައި އަޒާން ވިދާޅުވީ ކޮޕީރައިޓްސްގެ ގާނޫނެއް އޮތުމުން އެފަދަ ބިލެއް މުހިންމު ނޫން ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެއީ މުހިންމު ބިލެއް ކަމަށެވެ. ސަބަބަކީ ޓްރޭޑްމާކާއި ކޮޕީރައިޓް އަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށާއި، ޓްރޭޑްމާކުން ހިމާޔަތްކޮށްދެނީ ބްރޭންޑް ކަމަށެވެ. އަދި ކޮޕީރައިޓުން ހިމާޔަތްކޮށްދެނީ އުފެއްދުންތެރި މަސައްކަތްތައް ކަމަށް އަޒާން ވިދާޅުވިއެވެ.
ހަމައެއާއެކު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ރާއްޖޭގައި އުފައްދާ ބައެއް އުފެއްދުންތަކަށް ހިމާޔަތްނުލިބޭ ވާހަކަ ކަމަށް އަޒާން ވިދާޅުވިއެވެ. އެ ޚިޔާލަށް ތާއީދުކުރައްވައި އަޒާން ވިދާޅުވީ ހަމައެކަނި ޓްރޭޑްމާކް ބިލަކުން ވެސް އެފަދަ ހިމާޔަތެއް ފުރިހަމައަކަށް ނުލިބޭނެ ކަމަށެވެ.