ވިއްސާރައިގައި މުރައިދޫގެ ގެތަކާއި ކައުންސިލް އިދާރާއަށް ގެއްލުންވެ، ދެ އާއިލާއެއް ވަގުތީ ހިޔާއަށް
ސަން
19 ޖުލައި 2025 | ހޮނިހިރު | 11:53
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން އިއްޔެ ހއ. މުރައިދޫގެ ކައުންސިލް އިދާރާއާއި ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެ ގެއެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެ ރަށަށް ލިބުނު ގެއްލުމާ ގުޅޭ މައުލޫމާތު 'ސަން' އާ ހިއްސާކުރައްވައި މުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް ކަރީމް އަލީ ވިދާޅުވީ ކައުންސިލް އިމާރާތުގެ މީޓިން ރޫމްގައި 75 އިންޗީގެ ޓީވީއަކާއި، އޭސީއެއްގެ އިތުރުން ސީޕީޔޫއެއް ހުރި ކަމަށެވެ. ފުރާޅު އެއްލައިލިއިރު، އެ ތަނަށް ވާރޭގެ އަސަރުކުރުމުން އެ ތަކެއްޗަށް ގެއްލުންވެފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ނަމަވެސް ރޭ ނުވައެއް ޖަހަނިކޮށް ކައުންސިލް އިދާރާ ބޭނުންކުރެވޭ ވަރަށް މަރާމާތުކޮށް، ޓިނު ޖަހައި، ކަރަންޓު ލިބޭނެ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.