ޓީއެމްއޭ ޕައިލެޓުންގެ މައްސަލައިގައި ފައްޔާޒު: މިއީ ރައީސް މުއިއްޒުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ!
ސަން
20 ޖުލައި 2025 | އާދިއްތަ | 3:45
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރަ ދޫކުރުމުގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން ދަތުރުތައް ކުރުން މެދުކަނޑާލަން އުޅޭ މައްސަލައަކީ އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ފެންމަތިވި މައްސަލައެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
ޓީއެމްއޭގެ ޕައިލެޓުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކުރިން ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ދެން ދޭނީ ދިވެހި ރުފިޔާއިންނެވެ. އެގޮތުން މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދޭން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅިގެން 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު އެއްބައި ކަމަށްވާ ޓީއެމްއޭގެ މުވައްޒަފުން ހަޅުތާލު ކުރަން އުޅޭ ކަމުގެ ޚަބަރު އިއްޔެ ފެންމަތިވިއިރު އެއީ ރައީސް މުއިއްޒުގެ 'ގޯސް ސިޔާސަތުތަކުގެ ސަބަބުން' އިގްތިސާދު އިތުރަށް ހީނަރުވެދާނެ ކަމުގެ އިތުރު މިސާލެއް ކަމަށެވެ.