ލަންދުއަށް ރައީސްގެ ޔަގީންކަން: ދެން އަންނާނީ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރަން
ސަން
22 ޖުލައި 2025 | އަންގާރަ | 1:14
ނ. ލަންދުއަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް، ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ.
އެ މަނިކުފާނު ގެންދަވަނީ ނ. އަތޮޅަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
އެ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވައުދުފުޅާ އެއްގޮތަށް ސިއްހީ މަރުކަޒުގެ ޚިދުމަތް ވެސް 24 ގަޑިއިރަށް ބަދަލުކުރަން ކުރަންޖެހޭ ކަންކަން ހަމަޖެހި، މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، ސިއްހީ ދާއިރާއަށް ބޭނުންވާ މި ނޫން ވެސް ކަންކަން ފުރިހަމަކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.