އަތޮޅުތަކުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރާ ޚަރަދު ބޮޑު ކަމަށް ބުނެ ގަރާރެއް
ސަން
23 ޖުލައި 2025 | ބުދަ | 9:54
މާލެ ފިޔަވައި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޮޑު އަގެއް ހޭދަކުރަން ޖެހިފައިވާ ކަމަށް ބުނެ، މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހޯދަން ގަރާރެއް ހުށަހަޅައިފިއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ގާއިމުވެ، ސާފު ފެން އެކަށީގެންވާ މިންވަރަށް ލިބުމުގެ ހައްގު ކަށަވަރުވެފައިވާން ޖެހޭ ކަމަށެވެ.
އެ ގަރާރުގައި ބުނީ، ސްޓެލްކޯއާއި ފެނަކައިން ކަރަންޓުގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކާއި، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ފެނުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެއަށް ކަނޑައަޅާފައިވާ އަގުތަކާއި މާލެ ފިޔަވައި ރަށްރަށަށް ކަނޑައަޅާފައިވާ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށާއި މިކަމުގެ ސަބަބުން ރަށްރަށުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.