އިންޑިއާއަކީ ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފި: ޝާހިދު

ސަން

24 ޖުލައި 2025 | ބުރާސްފަތި | 11:42

އިންޑިއާއަކީ ރާއްޖެއަށް އިޚުލާސްތެރި، ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފިކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ އޭއެންއައި ނިއުސް އަދި ވިއޯން ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަވައްޓެރި ގައުމުތަކަށް ރަނގަޅަކަށް މަސައްކަތްކުރާ ގައުމެއް ކަމަށެވެ. އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ދިވެހި ސަރުކާރުން ގަބޫލުކުރާކަން ހާމަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިންޑިއާއަކީ ހަގީގީ ރަހުމަތްތެރިއެއްކަން ދިވެހި ސަރުކާރުން މިހާރު ގަބޫލުކޮށްފިކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މައުޟޫޢުތަށް