ތަރައްގީގެ ކަންކަން ހާސިލުވެގެންދާތަން ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި ފެންނާނެ: ރައީސް
ސަން
27 ޖުލައި 2025 | އާދިއްތަ | 10:49
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކިއެކި ކަންކަން ހާސިލުވެގެންދާތަން ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި ފެންނާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީ ކުރިއަށް ގެންގޮސް، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގައި ސަރުކާރުން އިޚުލާސްތެރިކަމާއެކު ބުރަ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެކަމުގައި ހުރިހާ ވަޒީރުންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިއްޒަތްތެރި މެންބަރުން ގުޅިގެން މަސައްކަތްކުރަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ކުރުމުގައި ވަރަށް ހީވާގިކަމާއެކީ ރެއާ ދުވާލު މަސައްކަތްކޮށް، ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދައި، ވަރުގަދަ އަޒުމެއްގައި ދާނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.