ލީކުވި ރިޕޯޓާ އެކު ތުހުމަތުތައް އަމާޒުވެފައިވަނިކޮށް، މާލިއްޔަތު ކޮމިޓީން ޝުޖާ ވަކިކޮށްފި
ސަން
4 އޯގަސްޓު 2025 | ހޯމަ | 9:25
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ)އާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް އޭނާ މާލިއްޔަތު ކޮމިޓީން މިއަދު ވަކިކޮށްފިއެވެ.
ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.
އެ ރިޕޯޓާ އެކު ފާޑުކިޔުން އަމާޒުވެފައި އޮއްވައި ޝުޖާ އިންނަވާ މާލިއްޔަތު ކޮމިޓީން މިއަދު އޭނާ ވަނީ ވަކިކޮށްފައެވެ. އެގޮތުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި އިންނެވި ޝުޖާގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި، ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ބަދަލުގައި ޝުޖާ ވަނީ އެ ކޮމިޓީއަށް ހަމަޖައްސައިފައެވެ.