މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ހިލޭ ލިބޭ ނިއުސް އެޖެންސީއެއް އުފައްދަނީ
ސަން
7 އޯގަސްޓު 2025 | ބުރާސްފަތި | 1:07
"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޔޫތު މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީންއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި މި ޚިދުމަތަކީ ރަޖިސްޓްރީކުރާ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ ވެސް ފަސޭހަކަމާއެކު ލިބޭނެ ޚިދުމަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.