ބައެއް ވަޒީރުންގެ އެއްބާރުލުން ނުލިބޭތީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައީސަށް ސިޓީއެއް
ސަން
7 އޯގަސްޓު 2025 | ބުރާސްފަތި | 5:41
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ބައެއް ވަޒީރުން އެއްބާރުލުން ނުދޭތީ, ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން އެންގެވުމަށް އެދިވަޑައިގެން، އެމްޑީޕީގެ މުޅި ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގައި ތިއްބަވާ 12 މެންބަރުން ސޮއިކޮށް ފޮނުވި ސިޓީގައި ބުނީ، ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އެހެނިހެން ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަދާކުރައްވަން ޖެހޭ ޒިންމާ އާ ގުޅޭގޮތުން މަޖިލީހަށް ތެދު ބަހުން ޖަވާބުދާރީވާން ޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ވަޒީރުންގެ މަސްއޫލިއްޔަތުތަކާ ގުޅިގެން މެންބަރުން ކުރާ ސުވާލުތަކަށް އެނގިހުރި މިންވަރަކުން ތެދު ބަހުން ޖަވާބުދިނުމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް، އެ ސިޓީގައި ވެއެވެ.