ހުވާނުކުރާ ކަމަށް ބުނި ފުލުހުގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އުފުލަންޖެހޭ: އާޒިމާ

ސަން

10 އޯގަސްޓު 2025 | އާދިއްތަ | 10:21

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފުލުސް މީހާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލެން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.

އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ. ތިނަދޫ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ވަނީ އެ މައްސަލައިގައި ސަސްޕެންޑްކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައުޟޫޢުތަށް