އެމްޕީއެލް ޚިޔާނާތް: ބަދަލުގެ ގޮތުގައި 6.8 މިލިއަން ހޯދުން އަވަސްކުރަން އަންގައިފި
ސަން
11 އޯގަސްޓު 2025 | ހޯމަ | 12:36
ތެޔޮ ކުންފުނި އެފްއެސްއެމުން އެމްޕީއެލަށް ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގައި، ޚިޔާނާތުގައި ހިމެނޭ މީހުންގެ އަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ނަގައިދިނުން އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށާއި ކޯޓުތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް 2018 އިން 2020 އަށް އެ ކުންފުނިން ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން އޮކްޓޯބަރު 5، 2022 ގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓުގައި 2018 އިން 2020 އަށް 28.3 މިލިއަން ރުފިޔާގެ ޑީސަލް ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާކަން ފާހަގަކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރިކޯޑުކޮށްފައިވާ ޑީސަލްގެ ތެރެއިން 9.62 މިލިއަން ރުފިޔާގެ ޑީސަލާއި، ޓަގު ބޯޓުތައް ހިންގުމަށް ދޫކުރިކަމަށް ރިކޯޑުކުރި ޑީސަލްގެ ތެރެއިން 18.57 މިލިއަން ރުފިޔާގެ ޑީސަލާއި، ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑުކުރި ޑީސަލްގެ ތެރެއިން 127،616 ރުފިޔާގެ ޑީސަލެވެ.