ގާނޫނަށް އިސްލާހު ގެންނަނީ ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ކައުންސިލްތައް ވަނުން ހުއްޓުވަން: ރައީސް
ސަން
11 އޯގަސްޓު 2025 | ހޯމަ | 7:32
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ އާއްމު ރައްޔިތުން ކުރާ ކުދިކުދި ވިޔަފާރިތަކަށް ކައުންސިލްތަކުން ހަދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވަނުން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި، އެފަދަ ވިޔަފާރިތަކަށް ކައުންސިލްތަކުން ނުވަނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިވަގުތު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގާނޫނުގައި ވަރަށް ގިނަ އަކުރުތަކުގައި ކައުންސިލްތަކުގެ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާއިރު، ފައިސާ ޚަރަދުކުރަން ޖެހޭނީ އެކަންކަން ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަންކަން ނުކޮށް ބޭކާރު ގޮތުގައި އެތައް ކަމެއް ކުރާ އެތައް ކައުންސިލެއް މިހާރު ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަށް އޮތް ހައްލަކީ ނުގަވައިދުން ފައިސާ ބޭނުންކުރެވޭ ގޮތަށް އޮތް މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ހަގީގަތުގައި ވެސް ލާމަރުކަޒީ ނިޒާމު 'ޗެމްޕިއަން ކުރުން' ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.