ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް އެނގޭ، އިސްލާހުކުރަނީ ރައްޔިތުންނަށްޓަކައި: ރައީސް
ސަން
13 އޯގަސްޓު 2025 | ބުދަ | 10:33
ލާމަރުކަޒީ ގާނޫނަށް ގެންނަށް ހުށަހަޅައިފައިވާ އިސްލާހު ދިފާއު ކުރައްވައި، ނިޒާމު އަލިފުން ޔާއަށް އެނގޭކަމަށާއި މި އިސްލާހަކީ ރައްޔިތުންނަށްޓަކައި ގެންނަވާ އިސްލާހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ބ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.