ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރަން ގާސިމް ތާއީދު, ވިދާޅުވީ ފައިދާވާނީ ރައްޔިތުންނަށް ކަމަށް
ސަން
17 އޯގަސްޓު 2025 | އާދިއްތަ | 9:28
ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ޤާނޫނަށް މި ފަހުން ސަރުކާރުން ގެނައި އިސްލާހަށް ތާއީދުކުރައްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިއަދު ހާމަކުރައްވައިފިއެވެ.
ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި އިސްލާހަށް ތާއީދުކުރައްވައި ގާސިމް މިއަދު ވިދާޅުވީ، މިއީ ވަރަށް މުހިންމު، އަދުގެ ހާލަތާ ގުޅޭ އިސްލާހެއް ކަމަށާއި މި އިސްލާހުތައް ކޮންމެހެން ގެންނަންޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ.
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑެރަލް ދައުލަތެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭ މިންވަރަކަށް ކަމަށާއި ގާނޫނުތައް ހެދި އެކުލަވާލެވިފައި އޮންނަންވާނީ އެ ހުދޫދުގެ ތެރެއިން ކަމުގައި އޭނާ ވިދާޅުވިއެވެ.