ބާރުތައް ހަނިވާ ގާނޫނަށް އަމަލު ކުރަން ކައުންސިލްތަކަށް އަންގައިފި
ސަން
18 އޯގަސްޓު 2025 | ހޯމަ | 6:37
ކައުންސިލްތަކަށް ކުރިން ދީފައިވާ ގިނަ ބާރުތަކެއް ހަނިވާ ގޮތަށް, ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ބުރާސްފަތި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު, ތަސްދީގުކުރައްވައިފައި ވާތީ އެ ގާނޫނަށް އަމަލު ކުރަން, ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް މިއަދު އަންގައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސް އެ ބިލް ތަސްދީގު ކުރައްވައި ގާނޫނަކަށް ހެއްދެވިކަން ރައީސް އޮފީހުން އިއުލާން ކުރީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވެފައި ހުއްޓައެވެ.
އެލްޖީއޭގެ ސީއީއޯ, މުޙައްމަދު ނިމާލް ސޮއިކޮށް މިއަދު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ, އެ ގާނޫނަށް އަމަލު ކުރުމަށެވެ. އަދި އެ ގާނޫނާ ގުޅިގެން ހަދަން ޖެހޭ އުސޫލުތައް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.