ބަދަލާއެކު އީޕީއޭއަށް ވެރިއަކު ހޯދަން އިއުލާނުކުރިތާ އެއްދުވަސް، އެ މަގާމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން
ސަން
19 އޯގަސްޓު 2025 | އަންގާރަ | 6:20
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން، އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ(އީއާރުއޭ)އަށް ބަދަލުކުރުމަށް ފަހު، އެ އިދާރާއަށް ވެރިޔަކު ހޯދުމަށް އިއުލާނުކުރިތާ އެއް ދުވަސް ފަހުން އެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު މިއަދު އައްޔަންކޮށްފިއެވެ.
އީއާރުއޭއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ހައްސާން އެ މަގާމަށް އައްޔަން ކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި އެ އިދާރާއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް އޭނާގެ ބެލުމުގެ ދަށުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުންމީދު ކުރާކަމަށް އެ ޕޯސްޓުގައި ވެއެވެ.
ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް އެ އިދަރާގެ ނަން އިއާރުއޭއަށް ބަދަލުކުރީ މިދިޔަ އަންގާރަދުވަހުއެވެ.