ގޮއިދޫ އަތޮޅުތެރޭ ހިއްކައިގެން ރިސޯޓު ހެދުމަށް ވުރެ، ގެސްޓުހައުސް ވިޔަފާރިންލިބޭ ފައިސާ އިތުރުވާނެ: ނަޝީދު
ސަން
19 އޯގަސްޓު 2025 | އަންގާރަ | 9:14
ބ. ގޮއިދޫ އަތޮޅުތެރޭ ހިއްކައިގެން ރިސޯޓެއް ހެދުމަށް ވުރެ، ގެސްޓުހައުސް ވިޔަފާރިން ލިބޭ ފައިސާ އިތުރުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފުތާގައި ބ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން ވިދާޅުވީ، އެރަށު ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބިޑު އެވޯޑުކުރައްވާފައިވާ ކަމަށެވެ. އަދި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގޮއިދޫ އަތޮޅުތެރޭ ވަކި ރަށެއް ހިއްކައިގެން ރިސޯޓު ހެދުމަށް ވުރެ، މިހާރު އެތަން އޮތް ގޮތަށް ބާއްވައިގެން އަތޮޅަށް ލިބޭނެ ތަނަވަސްކަން ބޮޑުވާނެ ކަމަށެވެ.