ފެބްރުއަރީ މަހު ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފަށަނީ
ސަން
20 އޯގަސްޓު 2025 | ބުދަ | 4:13
އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އއ. ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް އެމަނިކުފާނު މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރަށްރަށުގެ އިގްތިސޯދީ މަސައްކަތް ކުރިއެރުވުމަށް ކަމަށެވެ.
އެގޮތުން ތޮއްޑޫއަކީ ދަނޑުވެރިކަމާ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްކަމަށާއި، މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާއިން 80 ވަރަކަށް ވިޔަފާރި އެ ރަށުގައި ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ފަތުރުވެރިކަމަށް އެތައް އެނދެއް ހުރިއިރު އުންމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.