ކައުންސިލްތަކުގެ ބާރު ހަނިވާގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލްކުރަން އެމްޑީޕީން ހައިކޯޓަށް
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 5:50
ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާގޮތަށް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތައް ބާތިލްކުރަން އިދިކޮޅު އެމްޑީޕީން ހައިކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.
އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ސަރުކާރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތަކަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ އެންމެހާ އުސޫލުތަކާ ޚިލާފު، އަދި ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި، މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ނިގުޅައިގެންދާ ފަދަ ބަދަލުތަކެއް ކަމަށެވެ.
އެގޮތުން މި އިސްލާހުގައި އޮތް ގޮތުން ކައުންސިލްތަކުން ކުރެވޭނެ ވިޔަފާރިތަކުގެ ދާއިރާތައް ހަނިވެ، ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން ފަހު އަހަރުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް ނޫނީ ކައުންސިލްތަކުގެ އިދާރާތަކަށް ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ނުނެގޭނެކަމާއި، ކައުންސިލްތަކުގެ އިހްތިޞާސްގައި ހުރި ބިންބިމާއި ފަރުފަޅުގެ ސަރަހައްދުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމާއި، ކައުންސިލްތަކުން ތަރައްގީގެ އާ މަޝްރޫއުތައް ނުފެށޭނެ ކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.