ޒަކާތު ފަންޑުން ފަގީރުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް ޚިދުމަތް ފުޅާކުރަނީ
ސަން
23 އޯގަސްޓު 2025 | ހޮނިހިރު | 3:30
ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް އެ ޚިދުމަތް ފުޅާކުރަން މަސައްކަތް ފަށައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދެވަނައަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2025، މިއަދު ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފަށައިފައެވެ. އެއީ، ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާކޮށް، ފަގީރުންނަށް ދެވޭ އެހީތެރިކަން ފުޅާކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް އެހީވުން އިތުރުކުރާނެ ގޮތްތަކުގެ މައްޗަށް މިނިސްޓްރީން ކަރުދާހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ކަރުދާސް ތައްޔާރުކޮށް ނިމުމުން މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.