ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ: ރައީސް
ސަން
24 އޯގަސްޓު 2025 | އާދިއްތަ | 12:02
ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ލިޔުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ދިވެހީންގެ ރީތި އާދަތައް ދަމަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު އެފަދައިން ގޮވައިލެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ މަނިކުފާނު އެފަދައިން ވިދާޅުވިއިރު މީޑިއާތައް 'ކޮންޓްރޯލް ކުރާ' ބިލެއް ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހަޅާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ގައުމު އަމާންކަމާއި ރައްކާތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ވިސްނަންވީ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، އެ ޒިންމާއަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެންމެން ވެސް ގައުމިއްޔަތު ދިރުވައި އާލާކުރަން މަސައްކަތްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.