ބިކިނީ ހެދުންތަކުން އުތީމު ގޮނޑުދޮށް 'ލަދުގަންނަވާލަން' ތާއީދެއްނުކުރަން: އާދަމްބެ

ސަން

24 އޯގަސްޓު 2025 | އާދިއްތަ | 2:01

ފަހަރެއްގައި ވެސް ހއ. އުތީމުގެ ބީޗުން ބިކިނީގައި ފަތުރުވެރިން ތިބުމަށް ތާއީދުނުކުރައްވާ ކަމަށާއި، ނަމަވެސް އެކަމަށްޓަކައި އެ ރަށު ޒުވާނުންނަށް ރަށް ކައިރިން ފިނޮޅެއް ދީ، އެ ފިނޮޅު ރަށަކަށް ތަރައްގީކޮށް ގެސްޓްހައުސް އަޅައި ވިޔަފާރިކުރަން ފަހިކޮށްދިނުން ރަނގަޅު ކަމަށް ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އާދަމްބެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފައެވެ. އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރުން، އުތީމުގެ ކަތީބުކަމާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަމާއި ބައެއް ރަށްރަށުގެ ސްކޫލުތަކުގެ ޕްރިންސިޕަލްކަން ވެސް އާދަމްބެ ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި އާދަމްބެ ވިދާޅުވީ، ޒަމާން ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން، ކަނޑުމަގުން ކުރި ދަތުރުތައް ވައިގެ މަގަށް ބަދަލުވުމާއި ރިޔަލު ދޯނީގައި ކުރި ދަތުރުތައް ހައިސްޕީޑް ލޯންޗަށް ބަދަލުވި ގޮތުގެ މިސާލު އާދަމްބެ ނެންގެވިއެވެ.

މައުޟޫޢުތަށް