ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގޯއްޗެއް ދީ، ދޮޅު އަހަރުން ތަޅުދަނޑި ހަވާލުކުރާނަން: ރައީސް
ސަން
24 އޯގަސްޓު 2025 | އާދިއްތަ | 5:21
ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމުމާއެކު، އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.
ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގައެވެ.
ރައީސް މުއިއްޒު މިވަގުތު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ އެ އަތޮޅު ހިރިމަރަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން 18 މަސް ދުވަސްތެރޭ ގޯތިތަކުގެ މަސައްކަތް ނިންމައި، ރައްޔިތުންނާ ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.