ޖާބިރުގެ ކާސާ މިއާ ހިންގަން ދިން ބިމުން މަތިވެރީ ކައުންސިލަށް 2 މިލިއަން ނުލިބޭ

ސަން

25 އޯގަސްޓު 2025 | ހޯމަ | 12:51

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، އަބްދުﷲ ޖާބިރުގެ ކުންފުނިން އއ. މަތިވެރީގައި ހިންގި ގެސްޓްހައުސް ކާސާ މިއާއަށް ދޫކުރި ބިމުން ރަށު ކައުންސިލަށް 2.25 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކާސާ މިއާ ހިންގުމުގެ ގޮތުން 46،880 އަކަފޫޓުގެ ހުސް ދެ ބިމެއް، 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މަތިވެރި ކައުންސިލާއި ހ. މާކޮށާރުގެ، އަބްދުއްރައްޒާގު އަލީއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެއީ 2012އާއި 2014ގައެވެ. ނަމަވެސް ކުލި ދެއްކުމުގައި ދަތިތަކެއް ހުރުމުން އިންވެސްޓްމެންޓް ވިއްކާލެވޭ ގޮތަށް އެއްބަސްވުންތައް އިސްލާހުކޮށްދިނުމަށް މެއި 19، 2019ގައި އަބްދުއްރައްޒާގު ކައުންސިލުގައި އެދުނެވެ.

އެއަށްފަހު އެ އަހަރުގެ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު ކާސާ މިއާ އިންވެސްޓްމެންޓް ވަނީ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް ވިއްކާލައިފައެވެ. އޮޑިޓުގައިވާ ގޮތުން އެކަމާ ގުޅޭ އެއްބަސްވުމެއްގައި، އޭގެ ފަސް ދުވަސް ފަހުން ސޮއިކުރިއެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުނުކޮށް، ޓޫރިޒަމް މިނިސްޓްރީން އެ ދެ ބިން ކުއްޔަށް ދޫކުރުމަށް ރިޗް ކްލަބް މޯލްޑިވްސްއާއެކު ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 19ގައި ސޮއިކުރި ކަމަށް އޮޑިޓުގައިވެއެވެ.

މައުޟޫޢުތަށް