ބުއްދި ހަމަ ނުޖެހޭތީ، ކޮއްކޮއާ ބެހުމުގެ ތުހުމަތުވާ ބޭބެގެ މައްސަލަ ދައުލަތުން ދޫކޮށްލައިފި
ސަން
25 އޯގަސްޓު 2025 | ހޯމަ | 1:21
ސިކުނޑީގެ އުނިކަމެއް ހުއްނާތީ، ކޮއްކޮއާ ބެހުނު ކަމަށް ތުހުމަތުވާ ބޭބެގެ މައްސަލަ ދެން އިތުރަށް ކުރިއަށް ނުގެންދަން ދައުލަތުން ނިންމައި، މައްސަލަ ދޫކޮށްލައިފިއެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބޭބެއަކު، އޭނާގެ 17 އަހަރުގެ އަންހެން ކޮއްކޮއާ ބެހުނުކަމަށް ތުހުމަތުވާ މައްސަލަ ފެންމަތިވީ 2022 ވަނަ އަހަރެވެ. އެ މައްސަލަ ދައުލަތުން އެންމެ ފުރަތަމަ، އެ ދެބެއިން ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުގައި މައްސަލަ ސާބިތުވާ ގޮތެއް ނުވިއެވެ.
ދަށު ކޯޓުގައި މައްސަލަ ސާބިތުނުވުމުން ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި، ދައުވާ ލިބޭ ބޭބެގެ ސިކުނޑީގެ އެސެސްމެންޓެއް ވެސް ހެދިއެވެ. އެ އެސެސްމެންޓުން، ބޭބެއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަން ފާހަގަވެފައިވަނިކޮށް، ދައުލަތުންވަނީ މައްސަލަ އަނބުރާ ގެންދަން އެދިފައެވެ.