މަކުނުދޫގައި އެއާޕޯޓު އެޅުމަކީ ޒަރޫރީ ކަމެއް، އުއްމީދަކީ ދެން ރަށަށް އަންނަވާއިރަށް ހުޅުވުން: ރައީސް
ސަން
26 އޯގަސްޓު 2025 | އަންގާރަ | 1:41
ހދ. މަކުނުދޫގައި އެއާޕޯޓެއް އެޅުމަކީ ޒަރޫރީ ކަމެއް ކަމަށާއި، އުއްމީދަކީ އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާއިރަށް އެއާޕޯޓު ތަރައްގީކޮށް ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދުއަށް ވަޑައިގެން ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓް އެޅުން ކަމަށެވެ. އެގޮތުން އެ ރަށަކީ ވަރަށް އެކަހެރިކޮށް އޮތް ރަށެއްކަމާއި ރިޔާސީ އިންތިޚާބުގައި ވެސް އޭގެ ފަހުން ވެސް އެ މަނިކުފާނު ވެވަޑައިގަތް އެންމެ މުހިންމު ވައުދަކީ އެއާޕޯޓް އެޅުމުގެ ވައުދުކަން ރައީސް ފާހަގަކުރެއްވިއެވެ.
"ދަތުރުފަތުރު ކުރުމުގައި އެންމެ އުނދަގޫ އެއް ހިސާބު، އެހެންވީމަ ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުން ބަލާއިރުގައި މި ރަށުގައި އެއާޕޯޓެއް ގާއިމުކުރުމަކީ ޒަރޫރީ ކަމެއް، ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.