މީޑިއާ ވެސް އޮންނަންވާނީ ހުދޫދެއްގައި، އެކަމަކު ބިލު އޮތްގޮތަށް ފާސްކުރަން ދެކޮޅު: އަޒާން
ސަން
27 އޯގަސްޓު 2025 | ބުދަ | 11:24
މީޑިއާ ވެސް ހިންގަން ޖެހޭނީ ވަކި ހުދޫދަކާއި އިމެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު މިހާރު ހުށަހަޅާފައި އޮތް މީޑިއާތަކާ ބެހޭ ބިލު އެ އޮތްގޮތަށް ފާސްކުރަން ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލެއް ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލު އޮތްގޮތަށް ފާސްކުރަން ދެކޮޅު ހެއްދެވިއިރު އަޒާނަކީ މަޖިލީހަށް އިންތިޚާބުވުމުގެ ކުރިން ނޫސްވެރިއެކެވެ.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރު އޮތް ސަރުކާރާ ދެކޮޅަށް ގިނަ ލިޔުއްތަކެއް ލިޔުއްވައި، ބޮޑެތި ތުހުމަތުތައް އަމާޒުކުރެއްވި އަޒާން މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހާއި ފަނޑިޔާރުގެ ވެސް ހިންގަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ހުދޫދެއް ކަނޑައެޅިގެން ކަމަށެވެ. އެ ގޮތަށް މީޑިއާ ވެސް ހިންގަންވާނީ ހުދޫދަކާއި އިމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.