ސީއެސްސީން ވަކިކުރަން އުޅުނު ނާސިހަށް ދެވަނަ ދައުރެއް ދޭން މަޖިލީހުން ރުހުން ދީފި
ސަން
27 އޯގަސްޓު 2025 | ބުދަ | 5:56
މި ސަރުކާރުގައި އެންމެ ފުރަތަމަ ވަކިކުރަން މަސައްކަތްކުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ދެވަނަ ދައުރަކަށް އެ މަގާމަށް އައްޔަނުކުރުމަށާއި، ސީއެސްސިގެ މެންބަރުކަމަށް އިތުރު ދެބޭފުޅުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ނާސިހުގެ އިތުރުން، ދެން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އަދި ސުޕްރިމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒެވެ.
ސީއެސްސީގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ނާސިހު އައްޔަނުކުރުމަށް ރުހުން ދޭން މަޖިލީހުން ލިބިވަޑައިގަތީ 52 މެންބަރުންގެ ވޯޓެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.