އެމްޔޫ މަނިކު: ދިވެހީންނަށް ލިބުނު އަގުހުރި މުތެއް
ސަން
30 އޯގަސްޓު 2025 | ހޮނިހިރު | 3:59
މީގެ 53 އަހަރު ކުރިއަށް ޖެހިލާއިރު، ރާއްޖެއަށް ބޭރުން ފައިސާ ލިބެމުން އައީ މަހާއި ބޮލި ވިއްކައިގެންނެވެ. ގައުމުގައި ރުފިޔާގެ އިތުރަށް ދައުރުވަމުން އައީ، އައްޑޫގައި ތިބި އިނގިރޭސީން ބޭނުންކުރި ޕައުންޑެވެ. އެއާޕޯޓެއްގެ ގޮތުގައި އޮތީ ސްރީލަންކާއިން މުދާ ގެންނަ ދަގަނޑު ފިލާ ރަންވޭއެކެވެ. ގައުމުގެ ޖީޑީޕީއަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު މަންޒަރު ވަރަށް ތަފާތެވެ. މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އެކަނި ވެސް ބިލިއަނަކަށް އަރައެވެ. އެކަމުގެ ފަހަތުގައި ވަނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އާއި ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން ރާއްޖެއާ މެދު، މީގެ ބައި ގަރުނު ކުރިން ގެންގުޅުއްވި ތަސައްވުރާއި ކުރެއްވި މަސައްކަތްޕުޅަށެވެ.
އެމްޔޫ މަނިކަކީ ވަރަށް ޒުވާން އުމުރުގައި ވެސް ދުރު ވިސްނެވި ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކޮށްފައިވާ ގިނަ ދިވެހީން ނެތް ދުވަސްވަރެއްގައި، ޑިގްރީއެއް ހާސިލުކުރައްވަން ވަރަށް ބޭނުންފުޅުވިއެވެ. އެގޮތުން ޕާކިސްތާނުން ދަނޑުވެރިކަމުގެ ދާއިރާއިން ޑިގްރީ ނަންގަވައި، މާސްޓާސް ވެސް ހޯއްދެވުމުގެ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އޭރު ބަންގްލަދޭޝް ހަނގުރާމަ ފެށުމާ ގުޅިގެން އެނބުރި ގައުމަށް ވަޑައިގަންނަވަން ޖެހުނީއެވެ.
ބޭރުގައި އުޅުއްވިއިރު ވެސް އެމްޔޫ މަނިކު ގެންދެވީ ރާއްޖޭގެ ހާލަތު ބައްލަވަމުންނެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތާއި އެއާ އަޅައިބަލާއިރު އަވައްޓެރި ގައުމުތައް ހިންގަމުން އައި ގޮތެވެ. ދިވެހީންނަށް ފަތުރުވެރިކަމުން މަންފާއެެއް ހޯދެން ނެތް ކަމަށް، އދ.އިން ހެދި ދިރާސާއަކުން ދެއްކި ނަމަވެސް، އެކަން ބަލައިނުގަނުވެނީ އެހެންވެއެވެ.