ފުލުހުންނަކީ މުޖުތަމައުގެ ބަލަދުވެރީން، މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އިތުބާރު ހޯދަން: ސީޕީ
ސަން
30 އޯގަސްޓު 2025 | ހޮނިހިރު | 10:27
ފުލުހުންނަކީ މުޖުމަތައުމުގެ ބަލަދުވެރީން ކަމަށާއި މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިރޭ ވިދާޅުވެއްޖެއެވެ.
ސާޅީސް ވަނަ ފުލުހުންގެ އަސާސީ ކޯހުން ދަސްވެނިވި ފުލުހުންނާ މުޚާތަބުކުރައްވައި، ނަވީން ވިދާޅުވީ، ކޯހުން ދަސްވެނިވުމަކީ ދަތުރެއްގެ ނިމުން ނޫން ކަމަށާއި މިއީ ފުލުހުންގެ އަސްލު ދަތުރުގެ ފެށުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރުމަށް އެ ފުލުހުން ތައްޔާރުވެފައިވާއިރު، ފުލުހުންގެ ޔުނިފޯމަކީ މަސްއޫލިއްޔަތާއި، ޒިންމާއާއި، އިތުބާރާ އެއްކޮށް ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށް ސީޕީ ވިދާޅުވިއެވެ.
އަލަށް ތަމްރީނުވި ފުލުހުން، ފުލުސް ޔުނިފޯމަށް އަބަދުވެސް އިޚުލާސްތެރިވުމަށް ސީޕީ ވަނީ ނަސޭހަތްތެރިވެޑައިގެންފައެވެ. އަދި ފުލުހުންގެ މަސައްކަތުގައި ވަކި ފަރާތަކަށް ނުޖެހި، އިންސާނީ ހައްގުތަކަށް އިތުބާރު ކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.