ފަތުރުވެރިންގެ އަދަދު 9 ޕަސެންޓު އިތުރުވިޔަސް ހޭދަކުރާ މުއްދަތު ކުރުވެއްޖެ
ސަން
1 ސެޕްޓެމްބަރު 2025 | ހޯމަ | 11:41
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ޕަސެންޓު އިތުރުވި ނަމަވެސް، މިދިޔަ އަހަރާ ބަލާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭން އާންމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު 186،738 ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ. އެއީ، މިދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތްކުރި 167،528 ފަތުރުވެރިންނަށް ވުރެ 11 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ބެޑްނައިޓްސް ނުވަ ޕަސެންޓު އިތުރުވެފައިވެއެވެ. މި މުއްދަތުގައި ގެސްޓްހައުސްގެ ބެޑްނައިޓްސް 55 ޕަސެންޓު އިތުރުވިއިރު ރިސޯޓުތަކުގެ ބެޑްނައިޓްސް ދެ ޕަސެންޓު އިތުރުވި ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.