އެސްއޯއީތަކުގެ ސެކްރެޓަރީންގެ އުސޫލެއް: މަސްއޫލިއްޔަތު އަދާކުރޭތޯ އަހަރަކު އެއް ފަހަރު ބޯޑުން ބަލާނެ
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 4:02
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަގާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ފާސްކޮށްފިއެވެ.
ޕީސީބީން ބުނީ މިދިޔަ ބުދަ ދުވަހު ފާސްކުރި އުސޫލުގެ މައިގަނޑު މަގުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ގާބިލު ބަޔަކަށް ހެދުމާއި މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުން ކަމަށެވެ. އަދި އެ މަގާމަށް މީހުން ނެގުމާއި މަގާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން ދެފުށްފެންނަގޮތަކަށް ބަޔާންކުރުމަކީ ވެސް މަގުސަދެއް ކަމަށް އެ ބޯޑުން ބުންޏެވެ.
އެ އުސޫލުން، ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް ބާރު އަޅާނެ ކަމަށް ޕީސީބީން ބުންޏެވެ.