އައްޑޫގައި މަސްވެރިކަމުގެ ހަބެއް ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީއަށް
ސަން
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:44
އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާއެކު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިލާނެ މަޝްރޫއެއް ކަމަށެވެ. އަދި އައްޑޫއަކީ މަސްވެރިކަން ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.