ތަކެތީގެ އަގު ބޮޑުވުމާ ގުޅިފައިވަނީ ޑޮލަރުގެ އަގާ، ހެޔޮ ކުރެވޭކަށް ނެތް: ވިޔަފާރިވެރިން
ސަން
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:07
ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވުން ގުޅެނީ ޑޮލަރުގެ އަގާއި ކަމަށާއި ޑޮލަރުގެ ދަތިކަން ހައްލުނުވަނީސް ތަކެތީގެ އަގު ހެޔޮ ކުރެވެން ނެތް ކަމަށް ވިޔަފާރިން މިއަދު ބުނެފިއެވެ.
ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދުވަހެއް ދުވަހަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް އަންނަނީ މަތިވަމުންނެވެ. ޑޮލަރެއްގެ އަގު 20ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން، ތަކެތީގެ އަގުތަކުގައި އިންތިހާއަށް ވަނީ އިތުރެވެ. ކުރިން ފަސް ރުފިޔާއަށް ލިބުނު އާފަލެއްގެ އަގު މިހާރު ހުރީ، 10އަކުން މަތީގައެވެ.
ރާއްޖެއަށް އެންމެ ގިނައިން މޭވާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އުފަންވެލީގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުއްރަޙުމާން ގާދިރު 'ސަން'އަށް ބުނީ، ބޭރު ގައުމުތަކުން ގެންނަ ހުރިހާ ބާވަތްތަކާއި ޑޮލަރުން ޕޭމަންޓު ދައްކަން ޖެހޭ ހުރިހާ ބާވަތްތަކުގެ އަގުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށެވެ. އެބާވަތްތަކުގެ ތެރެއިން ވެސް، އެންމެ އަގު ބޮޑު ބާވަތެއް ކަމަށް އަބްދުއްރަހުމާން ވެސް ފާހަގަކުރީ، އާފަލާއި އޮރެންޖެވެ.