އުޑުމަތި ސާފު ވާނެ، މުޅި ރާއްޖެއަށް ކޭތަ އެންމެ ރީތިކޮށް ފެންނާނީ މިރޭ 11:11 ގައި
ސަން
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:48
މި ރޭ ދުނިޔޭގެ އެކި ހިސާބުތަކަށް ހަނދުކޭތަ ހިފާއިރު، ރާއްޖެއަށް 'ބްލަޑް މޫން' އެންމެ ރީތިކޮށް, ފުރިހަމަކޮށް ފެންނާނީ މިރޭ 11:11 ގައި ކަމަށް, މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.
މެޓް އޮފީހުން މިއަދު "ސަން" އަށް ބުނީ ކޭތަ ހިފަން ފަށާނީ މިރޭ ރާއްޖެ ގަޑިން 20:28 އިން ފެށިގެން ކަމަށާއި ނަމަވެސް ހަމަ ލޮލަށް ރާއްޖެއަށް ކޭތަ ފެންނަން ފަށާނީ 21:27 އިން ފެށިގެން ކަމަށެވެ.