އެސްޑީއެފްސީން ރަށު ފަތުރުވެރިކަމަށް އިސްލާމިކް ފައިނޭންސިން ފެސިލިޓީއެއް
ސަން
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:39
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށްޓަކައި "ތިޖާރާ ރަށު ފަތުރު"ގެ ނަމުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން އިސްލާމިކް ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.
އެސްޑީއެފްސީން ބުނީ، މިއީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށްޓަކައި ޝަރީއަތާ އެއްގޮތްވާ އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ޑިމިނިޝިން މުޝާރަކާއާއި މުރާބަހާ ޓު ދަ ޕާޗެސް އޯޑަރާގެ ކޮންސެޕްޓް ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެ ސަބަބުން ކޮންމެ ވިޔަފާރިވެރިއްގެ ވެސް ހުރި ޚާއްސަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ ފަދަ އިންތިޒާމެއް ޝަރީއާ ހަމަތަކުގެ މަތިން ހަމަޖައްސައި ފޯރުކޮށްދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.