ޕްލޭނަށް ޚިޔާލު ނުދޭނަމަ ހީނަރުކަން އަންނާނެ، އިލްތިމާސަކީ އެންމެން ބައިވެރިވުން: ނެކްސިއާ މޯލްޑިވްސް
ސަން
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:12
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ތަރައްގީގެ ޕްލޭނަށް ޚިޔާލު ދިނުމުގައި ބައިވެރިނުވާނަމަ އެ މަސައްކަތަށް ހީނަރުކަން އަންނާނެ ކަމަށް ބުނެ، އެ ޕްލޭނަށް ޚިޔާލު ދިނުމުގައި އެންމެން ބައިވެރިވުމަށް ޕްލޭންގެ މަސައްކަތް ކުރާ ނެކްސިއާ މޯލްޑިވްސްއިން މިރޭ އިލްތިމާސްކޮށްފިއެވެ.
'ވިލުންތެރި ރާއްޖެ 2045'ގެ ނަމުގައި ގައުމީ ތަރައްގީގެ ޕެލޭން އެކުލަވާލަން ސަރުކާރުން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށެވެ. އެ ޕްލޭނަށް ޚިޔާލު ހޯދުމަށް ޓަކައި، ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރާ ޓީމުތައް އިއްޔެ ވަނީ ރަށްރަށަށް ދަތުރުތައް ފަށާފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނެޝަނަލް ޑިވެލޮޕްމަންޓް ފޯމިއުލޭޝަން ޕްލޭން ޕްރޮޖެކްޓުގެ ލީޑަރު އަދި ނެކްސިއާގެ މެނޭޖިން ޑިރެކްޓަރު ޙާމިދު ސާދިޤު ވިދާޅުވީ، އެ ޕްލޭނާ ގުޅުވައި ވަރަށް ރަނގަޅު ކޮމެންޓުތައް ލިބެމުން އަންނަ ކަމަށެވެ. ދުރު މުސްތަގުބަލެއްގެ ޕްލޭނެއް އޮތުމަކީ އެ ބަޔަކު ކުރާ މަސައްކަތެއްގައި ވަކި ދިމާލަކަށް ވާސިލުވުމަށް މުހިންމުކަމެއް ކަން ގިނަ ބަޔަކު ފާހަގަކުރާ ކަމަށް ޙާމިދު ވިދާޅުވިއެވެ.