ކުއްލިއަކަށް, ކުޑައިރުކޮޅަކަށް މޫސުން ގޯސްވެ މަރަދޫފޭދޫ, ގެތަކެއްގެ ފުރާޅު އެއްލާލައިފި
ސަން
8 ސެޕްޓެމްބަރު 2025 | ހޯމަ | 10:01
މިއަދު ހެނދުނު ކުއްލިއަކަށް މޫސުން ގޯސްވެ, ކުޑައިރުކޮޅަކަށް ކުރި ވިއްސާރައެއްގައި އައްޑޫސިޓީ, މަރަދޫފޭދޫގެ ގެތަކެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މަރަދޫފޭދޫގެ ކައުންސިލަރު, ހާލިދާ މުޙައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ވަރަށް ރީތިކޮށް މޫސުން އޮތުމަށް ފަހު މިއަދު 8:40 ކަންހާއިރު އެ ރަށުގެ މެދުތެރޭ ވަކި ހިސާބަކަށް ގަދަވަޔާއެކު ވިއްސަކަށް މިނެޓަށް ވިއްސާރަ ކުރި ކަމަށެވެ.
އެ ވިއްސާރައިގައި ހަތް ގެއެއްގެ ފުރާޅު އެއްލާލިކަން މިހާތަނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތް ވެސް ހިމެނޭ ކަމަށް ހާލިދާ ވިދާޅުވިއެވެ.