މީޑިއާ ކޮންޓްރޯލް ބިލު ބޭރުކުރަން ތާއީދުނުކުރަން، އެ ނޫން ހުށަހެޅުންތަކަށް ހައްލު ލިބޭނެ: މިނިސްޓަރު
ސަން
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:27
މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް "މީޑިއާ ކޮންޓްރޯލް ބިލު" ބޭރުކުރަން ތާއީދުނުކުރައްވާ ކަމަށާއި، އެ ބިލު ބޭރުކުރުން ނޫން، ނޫސްވެރިންގެ ބާކީ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް، މީޑިއާތައް ބަލަހައްޓަވާ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިން ގޮވައިލަމުން އަންނަނީ މި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މަޖިލީހުން ބޭރުކޮށްލުމަށެވެ.
އެހެން ގޮވައިލަމުން ދަނިކޮށް މަޖިލީހަށް މި ބިލު ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.