ކުޅުދުއްފުށީ މަށިކުޅީގެ ރީތިކަން ބަލާލަން ޕްލެޓްފޯމެއް، އެތައް ގޮތަކުން ޚާއްސަ
ސަން
12 ސެޕްޓެމްބަރު 2025 | ހުކުރު | 12:39
ގުދުރަތީ ރީތިކަމުން އެންމެންނަށް ވެސް ހިތްހަމަޖެހުމާ އުފާވެރިކަން ގެނުވައެވެ. އެފަދަ ތަންތަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ވެސް ގިނަ ބަޔަކު އިސްކަން ދެއެވެ. ރަށްތަކުގައި ހުންނަ ކުޅި ފަދަ ތަންތަން ރީތިކޮށް ތަރައްގީކުރުމަކީ ކަމުދާ ކަމަކަށްވެއްޖެއެވެ.
އެ އުސޫލުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެސް ވަނީ، އެފަދަ ތަނެއް ގާއިމުކޮށްފައެވެ. ރަށުގެ ޒަމާންވީ މަށި ކުޅީގައި ހެދީ ޕްލެޓްފޯމެއް ހަދައި، އެ ތަނުގެ ރީތިކަން ބަލައިލެވޭ ގޮތަށް ހަދާފައެވެ.
މަށި ކުޅި ޕްލެޓުފޯމަށް އަރައިގެން އަންނައިރު މަރުހަބާ ކިޔަނީ ވަށައިގެން ހުރި ބޮޑެތި ފެހި ގަސްތަކުންނެވެ. އެ ގަސްތަކުގެ ހިޔަނި އެޅި ފެންގަނޑުގެ ކުލަ އޮންނަނީ ވަޅު ފެހިކުލައެއްގައެވެ. އެ ރީތި މާހައުލު ފަޅުފިލުވައިދެނީ ކުޅީގައި އުޅޭ ބޭންގުތަކާއި އެހެން ދިރުންތަކެވެ.