ޒަކިއްޔާގެ މަރަށް އަހަރެއް: އިހުތިޖާޖަށް ނިކުމެ ތަހުގީގު އަވަސްކޮށް، މައުލޫމާތު ހާމަކުރަން ގޮވައިލައިފި
ސަން
12 ސެޕްޓެމްބަރު 2025 | ހުކުރު | 7:23
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއްވީއިރު، އަދިވެސް އެ މަރުގެ މައްސަލަ ތަހްގީގުކޮށް ނުނިމޭތީ، މައްސަލައިގެ ތަހްގީގު އަވަސްކޮށް ތަހްގީގުގެ މައުލޫމާތު ހާމަކުރަން ރަށުގެ ރައްޔިތުން މިއަދު ގޮވާލައިފިއެވެ.
ހޮޅުދޫގެ ރައްޔިތުން މިއަދު ބޭއްވި އެއްވުމުގައި ވަނީ، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ލިބޭނީ ކޮން އިރަކުންތޯ ސުވާލު އުފައްދައި، އޭނާގެ ޤާތިލުން ހައްޔަރުކުރުމަށް ގޮވާލައިފައެވެ. އެ ރަށު ރައްޔިތުން އަދިވެސް ބުނަނީ، ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި، މަރާލީ ކަމަށެވެ. މި މައްސަލައިގެ ތަހްގީގުގައި އިހުމާލުވި މީހުން ހައްޔަރުކުރުމަށް ވެސް، އެ އެއްވުމުގައި ގޮވާލާފައިވެއެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގައި ބައިވެރިވި މީހަކު ބުނީ، ފެށުނީއްސުރެ ފުލުހުންގެ ތަހްގީގުގައި އިހުމާލު އެބައޮތް ކަމަށާއި، އެ މައްސަލައިގައި ފުލުހުންނަށް ކަން ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް، ޚުދު ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް އިއުތިރާފްވެވަޑައިގެންނެވި ކަމަށެވެ.